ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕަސިންޖަރ ޓަރމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ރޭގައި ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރުޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު އެއް ވައުދުފުޅު ކަމަށްވާއިރު ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރުދަނީ ވަމުންނެވެ.

އެ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރޭ ދަންވަރު 12:00 ގައި ރަސްމީކޮށް ފައްޓަވައިދެއްވެވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި މުޖުތަބާ ލަތީފް އާއި ކުންފުނީގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސީ.އީ.އޯ ޝަރީފުގެ ވާހަކަފުޅުގައި، 1960 ވަނަ އަހަރު ދަގަނޑު ފިލާތަކެއް ބޭނުންކޮށްގެން ހެދި ރަންވޭގެ މައްޗަށް އެންމެ ފުރަތަމަ ބޯޓެއް ޖެއްސުމަށް ދިވެހިން ކުރި ޤައުމީ މަސައްކަތް ހަނދާން އާކޮށްދެއްވައި ވިދާޅުވީ، އެމް.އޭ.ސީ.އެލްގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި، އަދި ކަމަކަށް ކުރިމަތިލައިފިނަމަ އެކަމެއް ނިންމުމާއި މެދު އޮންނަ ޔަގީންކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

އަދި ހުރިހާ މުވައްޒަފުންވެސް ފުރިހަމައަށް އެއްބާރުލުން ދީގެން، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް މިކޮށްދޭ ޤައުމީ މަސައްކަތް ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި ކައުންޓްޑައުން ފަށާފައިވާއިރު، މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށްވުރެ އެތައް ގުނައެއް ބޮޑު، އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުވެރިންނަށް ޚިދުމަތް ދެވޭނެ ތަނަވަސް ޓާމިނަލެކެވެ. އެއިރޯ ބްރިޖްއާއި، ސެލްފް ޗެކިން ސިސްޓަމްއާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތަކުގެ ޚިދުމަތް ޓާމިނަލުން ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް