ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ ތަރައްޤީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ޤައުމަކަށްވެސް ނަމޫނާއެއް: ނާޡިމް

ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ ތަރައްޤީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ޤައުމަކަށްވެސް ނަމޫނާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި ދެއްވި ތަޤްރީރުގައެވެ.

އެގޮތުން، ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ އިޞްލާޙުތަކާއި ޢުމްރާނީ ތަރައްޤީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ޚާއްޞަ ޙާލަތަށް ބައްޓަން ކުރެވިދާނެ ނަމޫނާއެއް ކަމަށާއި "ޖޮއިން ހޭންޑްސް ފޯރ އޯޕަން އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް" ގެ ތީމްގެދަށުން ބާއްވާ މި ފޯރަމްގައި ނާޡިމް ވަނީ ސަރަޙައްދީ ތަރައްޤީއަށްޓަކައި މުހިންމު ފަސް ނުކުތާއެއް ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި، ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުމާއި، ފެހި އިޤްތިޞާދީ ތަރައްޤީއާއި، ބަދަހި އިޤްތިޞާދީ ގުޅުމާއި، އިންސާނީ ތަރައްޤީއާއި އަދި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ރާއްޖެއަކީ، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި މި މާރެސްއަށް މަސައްކަތްކުރާ ޤައުމެއްކަން އޮނަރަބަލް އަޙްމަދު ނާޡިމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ދެކެނީ، ހުޅުވާލެވިފައިވާ، ހުރިހާ ފަރާތްތައް ޝާމިލުވާ، ދެމެހެއްޓެނިވި ތަރައްޤީއެއް ކަށަވަރުކުރުމަށްޓަކައި ޗައިނާއާއި އެހެނިހެން އަވަށްޓެރި ޤައުމުތަކާއެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ނާޡިމްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ، "ތަރައްޤީއަކީ، ސްޓްރެޓެޖީއެއް ނޫނެވެ. އެއީ ޤައުމަށްޓަކައި ވެވޭ ވަޢުދެކެވެ. އަދި އެ ވަޢުދާއެކު ކުރިއަށްދާ ކޮންމެ ފިޔަވަޅެއްގައިވެސް އެއްވެސް ފުރުޞަތަކުން އެއްވެސް ފަރާތެއް އެކަހެރި ނުކުރެވޭނެ ޝާމިލު މަސައްކަތެއްކަން ޔަގީންކުރަންޖެހޭ ވަޢުދެއް" ކަމުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް