ކެނެޑާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މޫސުމާއި ތިމާވެށީގެ ދިރާސާތައް ކުރިއަށްގެންދަން މަޝްވަރާކޮށްފި

ކެނެޑާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މޫސުމާއި ތިމާވެށީގެ ދިރާސާތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވޭ އޮނިގަނޑެއްގެ މަޝްވަރާތައް ފެށިއްޖެއެވެ.

މިކަމާ ގުޅޭގޮތުން ކެނެޑާގެ ސެކަންޑް ސެކްރެޓަރީ ޕެޓްރިކް ޕިކަރިންގ ވަނީ މިއަދު ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން ކެނެޑާގެ ފަންނީ އެހީތެރިކަމުގެ ޕާޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ "އެކްސްޕަރޓް ޑިޕްލޯއިމަންޓް މެކޭނިޒަމް" މަޝްރޫޢުގެ ތެރެއިން ރާއްޖޭގައި މޫސުމާއި ތިމާވެށީގެ ދިރާސާތައް ކުރުމަށް އެކުލަވާލެވޭ އޮނިގަނޑާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްރޫޢުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީވެސް ބައިވެރިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިއެއް ވިދާޅުވި ގޮތުގައި މި އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ކަންކަން ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ.ކެނެޑާގެ ސެކަންޑް ސެކްރެޓަރީ ޕެޓްރިކް ޕިކަރިންގ ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށާއި، އެހެންކަމުން މިފަދަ ދިރާސާތަކަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގިނަ ދިރާސާތަކެއް ކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް