"ކުރަނގި" އޮޕަރޭޝަނުގައި މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީގެ މައުލޫމާތު ވަނީ އެއްކޮށްފައި: ވަޒީރު

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން "ކުރަނގީ"ގެ ދަށުން މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓް ކުރުމަށްޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް އެމަނިކުފާނު ވަނީ ޙިއްސާކުރައްވާފައެވެ.

އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާކަމަށާއި، ބިދޭސީން ރާއްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ނިޒާމުތަކުގެ ތެރޭގައި އެބަ ފެނޭ މި މީހުންނަކީ އެކްޒެކްޓްލީ ކޮން ބައެއްކަން. ބަޔޯމެޓްރިކަލީ އައިޑެންޓިފައިކުރެވޭ. އެހެންވީމަ މިހިސާބުން ސީދާ މީހާ ފަހަތުން އެބަދެވޭ. އައިޑެންޓިފައި ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ މަސައްކަތް މި އޮޕަރޭޝަންގަ. ދެވަނަ ކަމަކީ ޤާނޫނު ބައްޓަން ކުރުން. އޭގެ ތެރޭގައި ބިދޭސީންނާއި ދޭތެރޭ އިހުމާލުވާ ފަރާތްތަކާ ދެތެރޭ ހަރުކަށި ފިޔަވަޅު އެޅުމާއި، ޖޫރިމާނާ ކުރުމާއި، ފައިސާ ނުދައްކާ ތިބޭ ފަރާތްތަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނޭ." ވަޒީރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުމުގެ ނަތީޖާއެއްގެ ގޮތުން ޤަވާއިދާ ޚިލާފަށް އުޅުނު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަދެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 3ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް