އަޔަލެންޑާއި ޔޫކްރޭނަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދީފި

އަޔަލެންޑާއި ޔޫކްރޭނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުންނަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

ނޮން ރެޒިޑެންޓް ސަފީރުންނަށް އައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ނަންތައް ފޮނުއްވާފައެވެ. އެގޮތުން، އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ވަނީ ފޮނުއްވާފައެވެ.

ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުންވެސް ވަނީ ދެ ސަފީރުންނަށްވެސް ރުހުން ދިނުމަށް ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް