އާރުޓީއެލްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

އާރުޓީއެލްގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ރައްޔިތުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ބުނެފިއެވެ.

އެކަން ހާމަކޮށް އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން އާރުޓީއެލް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ސްކީމެއްގެ ނަމުގައި ސްމާޓް ކާޑެއް ޕްރޮމޯޓުކުރަމުންދާ ކަމަށެވެ. މި ޕޭޖުން ޕްރޮމޯޓުކުރާ ސްކީމުގައި 35.58 ރުފިޔާގެ ފީއެއް ދެއްކުމުން އާރުޓީއެލް ބަސްތަކުގައި ހަ މަސްދުވަހުގެ މުއްދަތަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެފައިވާކަން އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.

އަދި މި ފޭސްބުކް ޕޭޖަކީ އެމްޓީސީސީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށާއި، އެ ޕޭޖުން ޕްރޮމޯޓުކުރާ ކަންކަމާއި ހިންގާ ހަރަކާތްތަކަކީވެސް އެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮތް ކަންތައްތަކެއް ނޫންކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި ކަސްޓަމަރުންނާ ގުޅުންހުރި އެއްވެސް ޕްރޮމޯޝަނެއް ފަށާނަމަ ނުވަތަ ކުރިއަށް ގެންދާނަމަ އެ މަޢުލޫމާތު ހިއްސާކުރާނީ އެމްޓީސީސީގެ ރަސްމީ އެކައުންޓުތަކުގައި ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މީގެ ކުރިންވެސް އާރުޓީއެލްގެ ނަމުގައި މިފަދަ ސްކޭމް މެސެޖުތަކެއް ދައުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އާރުޓީއެލްގެ ނަމުގައި ހިންގާ މިފަދަ ސްކޭމްތަކަށް ނުހެއްލުމަށް އެމްޓީސީސީން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް