މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ ގާތްގަނޑަކަށް 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ އައު ޢިމާރާތުގެ އެންމެ ފަހުގެ މައްސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މަސައްކަތް، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކި ޢިމާރާތްތަކުގައި ކުރަން ޖެހުމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތްކުރައްވާ، މުވައްޒަފުންނަށް ވެސް ދަތި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

އަދި މާލެ ސިޓީގެ ހުރިހައި ސެކްޝަނެއް އެއް ޢިމާރާތަކަށް ބަދަލުވުމުން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑުތަނުން ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، އޭރުން ކައުންސިލްގެ މުވައްޒަފުންނަށް ވެސް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށެވެ.

އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކައުންސިލްގެ އައު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ޝީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ޢިމާރާތް ހުންނަ ތައިސޭ ކޮށީގެ އިރު ދެކުނު ފަރާތުގައެވެ. 20،000 އަކަފޫޓުގެ ބިއްމެއްގައި ޢިމާރާތް ކުރާ މި އައު އޮފީހަކީ ދެ ފަންގިފިލާގެ ޢިމާރާތެކެވެ.

މި ވަގުތު މާލެ ސިޓީ ކައުންސިލުން ޚިދުމަތް ދެމުން އަންނަނީ، މާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި 9 ޢިމާރާތެއްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް