އީރާނާއި އިޒްރޭލުގެ ކުރިމަތިލުންތަކާ އެކު، ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

އިޒްރޭލާއި އިރާނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ އެވެ.

އެގޮތުން މި ހަމަލާތައް ދޭން ފެށުމާ އެކު، ތެލުގެ އަގުގެ މިންގަނޑު ކަނޑައަޅައި، ބްރެންޓް ކްރޫޑް އޮއިލް ވަނީ 10 ޕަސެންޓުން މައްޗަށް ގޮސްފަ އެވެ. މިއީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ތެލުގެ އަގު މި ދަރަޖަ އަށް އުފުލުނު ފުރަތަމަ ފަހަރަށްވާއިރު، އީރާނާއި އިޒްރޭލުގެ ކުރިމަތިލުންތަކާ ގުޅިގެން މެދުއިރުމަތީގެ ތެޔޮ ސަޕްލައި ކުރުމަށް ބުރޫ އަރާފާނެކަމުގެ ބިރު އެބައޮތެވެ.

ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ގަނެ ވިއްކާ އަގާއި އާންމުކޮށް ބޭނުންކުރާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް ގުޅިފައިވާއިރު، ބްރެންޓްގެ އަގު ކުއްލިއަކަށް އުފުލުމަށް ފަހު، މިހާރު ކުޑަކޮށް ތިރިވެފައި ވިޔަސް ތެޔޮ ފީފާއެއްގެ އަގު އަދިވެސް ހުރީ 74.23 އެމެރިކާ ޑޮލަރުގަ އެވެ. މިއީ ކުރިމަތިލުންތައް ފެށުމުގެ ކުރިން ހުރި އަގަށް ވުރެ ހަތް ޕަސެންޓު އިތުރު އަދަދެކެވެ.

މާހިރުން ބުނާ ގޮތުގައި، އިޒްރޭލުން އީރާނުގެ ތެޔޮ އުފައްދާ ކާރުހާނާތަކަށް ހަމަލާތައް ދީފި ނަމަ ތެލުގެ އަގު 80 އާއި 100 އާ ދެމެދަށް އެރުމުގެ ފުރުސަތު ބޮޑެވެ. ފަހުގެ ތާރީހެއްގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރަށް އަރާފައިވަނީ 2022 ވަނަ އަހަރު ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހަނގުރާމަ ފެށުމާ އެކު އެވެ.

މީގެ އިތުރުން، އީރާނާއި އިޒްރޭލުގެ ކުރިމަތިލުން މުޅި މެދުއިރުމައްޗަށް ފެތުރި، ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެ، ތެލުގެ ސަޕްލައިއަށް ބުރޫ އަރައިފި ނަމަ ތެލުގެ އަގު އިތުރަށް މަތިވުމުގެ ބިރު އެބަ އޮތް ކަމަށް ވެސް މާހިރުން އަންނަނީ ލަފާކުރަމުންނެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައި އަށް ދެން އޮތް އެންމެ ބޮޑު ބިރަކީ ދުނިޔޭގެ ތެލުގެ ސަޕްލައި ފަސް ބައި ކުޅަ އެއްބައި، ދަތުރުކުރާ ހޮރްމުސް ކަނޑުއޮޅިއަށް ކުރިމަތިލުންތައް ބަންޑުންވެދާނެތީ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް