ލޭގެ ޚިދުމަތް ދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފި

ލޭގެ ޚިދުމަތް ދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

އެގޮތުން، ކޮންމެ މަހަކު ލޭ އަޅާ މީހުންގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މިއާއެކު ހެލްތު ރިކޯޑްގެ ތެރެއިން ލޭ ހަދިޔާ ކުރާ މިންވަރާއި އުމުރުފުރައާއި ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތައް އަދި ސަރަޙައްދުތައް ދެނެގަނެވޭނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މިފަދަ ގޮތަކަށް ތަފާސްހިސާބުތައް ބެލެހެއްޓުމުގެ ސަބަބުން ދިރާސާތައްކޮށް ދިރާސާތަކުގެ އަލީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ޚިދުމަތުގެ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެކަމަށާއި  ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުންކުރަން ފެށުމަށްވެސް ނިންމާފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ މީހުން ކަނޑައެޅުމަށް "ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ" ކަނޑައަޅައި ތަންފީޒުކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށްވެސްވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް