ފިޔޯރީގައި ކުރިއަށް ގެންދެވުނު ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތްތައް ނިންމާލައިފި

ގދ. ފިޔޯރީގައި ކުރިއަށް ގެންދެވުނު ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތްތައް ނިންމާލައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ ޓީމެއް އެރަށަށް ގޮސްތިބެގެން ކުރި މަސައްކަތެކެވެ.

އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ފިޔޯރީގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރެވުނު ފެސިލިޓީ ބިލްޑިންގ ގާއިމްކޮށް، ފެނުގެ މައި ނެޓްވޯކް އަޅައި، އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވެއެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން ވެސް އަޅާފައިވެއެވެ. އަދި ފެން ރައްކާކުރުމަށް ފެން ތާންގީ ވެސް ބަހައްޓާފައިވާ ކަމަށް ފެން ކުންފުނިން ހާމަކޮށްފައިވެއެވެ.

ނަރުދަމާ ނިޒާމުގެ ބައިގައި، ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިންގ ލައިން އަޅައި، ޕަމްޕިންގ ސްޓޭޝަން ގާއިމްކޮށް، އަދި ސީ އައުޓްފޯލް އަޅާފައިވެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވެސް ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދީފައިވެއެވެ.

ގދ. ފިޔޯރީގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 59.95 މިލިއަން ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން، ގދ. ފިޔޯރީގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް