ޖެނުއަރީ މަހު ފެށުމުގެ ކުރިން، ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކައާ ހަވާލުކޮށްފި

އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

މިކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ "ކޫލް ސްކޫލް ޕްރޮޖެކްޓް" ގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާކަމަށެވެ. ސަަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓެއް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި މި ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.

 

ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް