ކްރެޑިޓް ރޭޓިން އެޖެންސީއިން ރާއްޖެއަށް ދީފައިވާ "ސީސީ" ރޭޓިން ދަމަހައްޓައިފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީކަމުގައިވާ ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ "ސީސީ" ގައި ދަމަހައްޓައިފިއެވެ.

އެ އެޖެންސީއިން ރާއްޖޭގެ ރޭޓިން ދެމެހެއްޓީ ދިވެހި ސަރުކާރުން ގެނައި މުހިންމު ބޭރު ފައިސާގެ އިޞްލާޙުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒަރވް ފާހަގަކޮށްލެވޭ ވަރަށް އިތުރުވެފައިވާތީއެވެ. އޭޕްރީލް 2025 ގައި އޮފިޝަލް ރިޒަރވް އެސެޓްސް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.

މި ކުރިއެރުން އައިސްފައިވަނީ ބޭރު ފައިސާއާ ގުޅޭ ޤާނޫނު ތަންފީޒުކުރުމުގެ ސަބަބުންނެވެ. މި ޤާނޫނުގެ ދަށުން، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ވަކި އަދަދަކަށް ބޭރު ފައިސާގެ އާމްދަނީ ބަދަލުކުރަންޖެހެއެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭންކުތަކުން ބަދަލުކުރަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 އިންސައްތައިން 90 އިންސައްތައަށް އިތުރުކޮށްފައިވެއެވެ.

ރިޒަރވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭ އާ ދެމެދު ޤާއިމުކުރެވިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރުމަކީވެސް ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެހީތެރިވެފައިވާ ކަމެކެވެ.

މި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ އިޤްތިސާދު ދެމެހެހެއްޓުމަށާއި ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި ބައިވެރިންނަށް ފަހި މާޙައުލެއް އުފެއްދުމަށް ސަރުކާރުން ގެންގުޅޭ އަޒުމާ އެއްގޮތްވާ ކަންކަމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް