އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ރައީސް ހިތާމަފާޅުކުރައްވައިފި

އިންޑިއާގެ އަހްމަދުއާބާދުގައި މިއަދު އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓި، ހިނގި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިތާމަފާޅުކުރައްވައިފިއެވެ.

‎އެމަނިކުފާނުގެ އަމިއްލަފުޅު "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ދިވެހި ސަރުކާރާއި ރައްޔިތުން، މި ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވާފައިވެއެވެ.

‎އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ އެ ފްލައިޓުގައި 242 ފަސިންޖަރުން ދަތުރުކުރިއެވެ.

އަދި މި ދަތި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ރައްޔިތުން ތިބީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.

ފްލައިޓް ޑޭޓާ ރެކޯޑާ ވެބްސައިޓުން އެނގޭ ގޮތުގައި ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އެ ބޯޓު އަހުމަދުއާބާދުން ފުރުމަށް ޝެޑިއުލްކޮށްފައި ވަނީ ހެނދުނު 9:50 ގަ އެވެ. ގެޓްވިކުގައި ޖައްސަން ހަމަޖެހިފައި ވަނީ ހަވީރު 18:25 ގަ އެވެ. ބޯޓު އަހުމަދުއާބާދުން ފުރީ މެންދުރު ފަހު 13:39 ގަ އެވެ.

އިންޑިއާގެ ޑައިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަން ފާއިޒް އަހުމަދު ކިދުވައި ވިދާޅުވީ ބޯޓު ވެއްޓިފައި ވަނީ ޢާއްމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށެވެ. އަދި ބޯޓުގައި 232 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިބިކަން އޭނާ ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

އަހްމަދުއާބާދު ސިޓީގެ ޕޮލިސް ކޮމިޝަނަރު، ޖީ.އެސް މާލިކް އާއި ހަވަލާދީ އޭޕީ އިން ބުނެފައިވަނީ ފްލައިޓް ވެއްޓި އެއްވެސް މީހަކު ސަލާމަތްވި ކަމަށް ނުބެލެވޭ ކަމަށާއި އެންމެން މަރުވެފައިވާ ކަމަށެވެ.

"މަތިންދާބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި އެއްވެސް މީހަކު ނެތް ހެން ހީވަނީ،" ކޮމިޝަނަރު ޖީ.އެސް މަލިކް އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް