އެއާ އިންޑިއާގެ މަތިންދާބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެކަމަށް ލަފާކޮށްފި

އިންޑިއާގެ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓަށް ދަތުރުފުރި އެއާ އިންޑިއާގެ މަތިންދާބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ތުއްތު ދެ ކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ.

އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.

ފްލައިޓް ޑޭޓާ ރެކޯޑާ ވެބްސައިޓުން އެނގޭ ގޮތުގައި ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އެ ބޯޓު އަހުމަދުއާބާދުން ފުރުމަށް ޝެޑިއުލްކޮށްފައި ވަނީ ހެނދުނު 9:50 ގަ އެވެ. ގެޓްވިކުގައި ޖައްސަން ހަމަޖެހިފައި ވަނީ ހަވީރު 18:25 ގަ އެވެ. ބޯޓު އަހުމަދުއާބާދުން ފުރީ މެންދުރު ފަހު 13:39 ގަ އެވެ.

ބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުން އަދި ކެނެޑާ މީހަކާއި ޕޯޗުގަލްގެ ހަތް މީހުން ކަމަށް އެއާ އިންޑިއާ އިން ބުންޏެވެ.

އިންޑިއާގެ ޑައިރެކްޓަރޭޓް އޮފް ސިވިލް އޭވިއޭޝަން ފާއިޒް އަހުމަދު ކިދުވައި ވިދާޅުވީ ބޯޓު ވެއްޓިފައި ވަނީ ޢާއްމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށެވެ. އަދި ބޯޓުގައި 232 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިބިކަން އޭނާ ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

އަހްމަދުއާބާދު ސިޓީގެ ޕޮލިސް ކޮމިޝަނަރު، ޖީ.އެސް މާލިކް އާއި ހަވަލާދީ އޭޕީ އިން ބުނެފައިވަނީ ފްލައިޓް ވެއްޓި އެއްވެސް މީހަކު ސަލާމަތްވި ކަމަށް ނުބެލެވޭ ކަމަށާއި އެންމެން މަރުވެފައިވާ ކަމަށެވެ.

"މަތިންދާބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި އެއްވެސް މީހަކު ނެތް ހެން ހީވަނީ،" ކޮމިޝަނަރު ޖީ.އެސް މަލިކް އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް