ކުރިއަށްއޮތް އަހަރުތަކުގައި ޙައްޖުގެ އިންތިޒާމްތައް މިއަހަރަށްވުރެ ފުރިހަމަ ކުރާނަން: ޝަކީލް

ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ފުރިހަމަ ކުރައްވަން އިސްކަންދެއްވާނެކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ، ދިވެހި ޙައްޖުވެރިން، މައްކާއިން މަދީނާއަށް ފުރަތަމަ ފަހަރަށް ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެގޮތުން، ހައި ސްޕީޑް ޓްރެއިނުގައި ފުރަތަމަ ފަހަރަށް ޙައްޖާޖީން މައްކާއިން މަދީނާއަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިވުމަށް އިޝާރާތް ކުރައްވާ ޝަކީލް ވިދާޅުވީ، މައްކާއިން މަދީނާއަށް ކުރި ދަތުރާމެދު ހުރިހާ ޙާޖީންވެސް ހިތްހަމަޖެހިފައި ތިބި ކަމަށާއި މައްކާއިން މަދީނާއަށް ކުރާ ދަތުރަށް ގެނައި ބަދަލަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ގެންނެވި ބަދަލެއް ކަމަަށެވެ.

އަދި ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސިއިރު، މައްކާއިން މަދީނާއަށް ކުރާ ދަތުރު އެކުންފުނިން ހަމަޖެއްސީ ބަހުގައި ކުރުމަށް ކަމަށާއި، ނަމަވެސް ފަހުވަގުތު އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސާފުކުރައްވައި، ކަންކަން ރަނގަޅު ކުރައްވާއިރު ޙައްޖާޖީންނަށް ދަތުރުތައް ލުއިވާނެގޮތަށް ހަމަޖެއްސުމަށް ރައީސް މުޢިއްޒު އިރުޝާދެއްވި ކަމަށް ޝަކީލް ވިދާޅުވިއެވެ.

އަދި މައްކާއިން މަދީނާއަށް ދަތުރުކުރާއިރު ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކަށް ހަމަޖެއްސުމުގެ ގޮތުން ހައި ސްޕީޑް ޓްރެއިންގައި އިންތިޒާމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން އިންޒިތާމްތައް ހަމަޖެއްސިކަން ފާހަގަކޮށް ޝަކީލް ވަނީ ޙައްޖުވެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޚައްޞަ ޝުކުރެއް ދަންނަވާފައެވެ.

"ކުރިއަށް އޮތް ޙައްޖުތަކަށް ދަންނަވާނަމަ އަޅުގަނޑުމެން ބެންޗުމާކެއް ދެއްތޯ އަޅުގަނޑުމެންނަށް މި ކަނޑައެޅިގެންދިޔައީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ އަދި އަޅުގަނޑުމެން މަސައްކަތްކުރާނީވެސް، މިފަހަރު މި ކަނޑައެޅި ބެންޗުމާކް، އެއަށްވުރެވެސް ކަންތައްތައް ރަނގަޅުކުރުމާއި ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް." ޝަކީލް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް