ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ހަމީދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ފޮނުއްވި ނަންތައް ކަމުގައިވާ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެ މަގާމަށް އައްޔަނުކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ސަލީމް އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ  ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް