ރާއްޖެއިން ގައުމީ ފެންވަރުގައި އޯޝަންސް އެކަންޓްސް އެކުލަވާލުމުގެ މަގު ޗާޓު އިފްތިތާހުކޮށްފި

މިހާރު ކުރިއަށްދާ އ.ދ.ގެ ތިން ވަނަ އޯޝަންސް ކޮންފަރެންސްގައި ދިވެހިރާއްޖެއިން ގައުމީ ފެންވަރުގައި އޯޝަންސް އެކަންޓްސް އެކުލަވާލުމުގެ މަގު ޗާޓު އިފްތިތާހުކޮށްފިއެވެ.

މި މަގުޗާޓު އިފްތިތާހުކޮށް ދެއްވީ މި ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާރޓްނަރޝިޕްއާއެކު އިންތިޒާމުކުރި ސައިޑް އިވެންޓްގައި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމްއެވެ.

މި މަގުޗާޓުގެ އެކުލެވިގެންވަނީ މައިގަނޑު 3 ލަނޑުދަނޑިއެއްގެ މައްޗަށެވެ. އެއީ:

  • 2026 ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކަންޓްސްގެ މަސައްކަތްކުރުމަށް ބިންގާ އެޅުން،
  • 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޯޝަން އެކައުންޓްސް ޕައިލެޓްކޮށް، ގައުމީ ފެންވަރުގެ ނިޒާމެއް އެކުލަވާލުން، އަދި
  • 2030 ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކައުންޓްސްގެ ނިޒާމުން ލިބޭ މައުލޫމާތު ހުރިހާ ގިންތިއެއްގައި ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރުން.

މަގު ޗާޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ތާރިގްއިބްރާހިމް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީ އާއި އިޖްތިމާޢީ ދުޅަހެޔޮކަން ކަނޑާއި އައްސޭރިފަށުގެ ދިރޭތަކެތީގެ ނަސްލުތަކަށް ބިނާވެފައިވާ ކަން ފާހަގަކުރައްވާފައިއެވެ. އެހެންކަމުން، ރާއްޖޭގެ ގުދުރަތީ ރައުސުލްމާލާއި، ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ރައްކާތެރިކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

އޯޝަން އެކައުންޓްސް އަކީ ތިމާވެށީގެ ދާއިރާއިން، ޚާއްޞަކޮށް ކަނޑާއި އައްސޭރިފަށުގެ ޤުދުރަތީ ނަސްލުތަކާއި މާޙައުލީ ނިޒާމުތައް، ޤުދުރަތީ ވަސީލަތްތަކެއްގެ ގޮތުގައި ގުނަކޮށް، މިންކޮށް، އެ ވަސީލަތްތަކުގެ ޙާލަތު ދެނެގަނެ، އޭގެއިން ލިބޭ އިޤްތިސާދީ އަދި އިޖްތިމާޢީ ފައިދާތައް ހިސާބުކިތާބުކޮށް ދެމެހެއްޓެނިވި ތަރައްޤީ ބައްޓަންކުރުމަށް މަގުފަހިކޮށްދޭ އޮނިގަނޑެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް