ރައީސް، ޕޯޗުގަލްގެ ރައީސަށާއި ބޮޑުވަޒީރަށް ޕޯޗުގަލް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕޯޗުގަލްގެ ރައީސް ހިޒް އެކްސެލެންސީ މާސެލޯ ހިބެލޯ ޑިސޯޒާއާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ލުއިޝް މޮންޓިނެގްރޯއަށް ޕޯޗުގަލް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ޕޯޗުގަލްގެ ރައީސަށް ރައީސް ފޮނުއްވި މެސެޖުގައި މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ އެ މަނިކުފާނަށް އަރިސްކުރެއްވިއެވެ. އަދި ޕޯޗުގަލް ދުވަހުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންގެ ނަމުގައި ޕޯޗުގަލްގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ. މި މެސެޖުގައި ރައީސް ވަނީ ރައީސް ޑިސޯޒާއަށް ފުރިހަމަ ޞިއްޙަތަކަށާއި އުފާވެރިކަމަށް އެދިވަޑައިގެން އެ ޤައުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިޝް މޮންޓިނެގްރޯއަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ އެ މަނިކުފާނަށާއި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރައީސްގެ އަމިއްލަފުޅު ނަންފުޅުގައި، ބޮޑުވަޒީރު މޮންޓިނެގްރޯއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން އެ ޤައުމަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން ރައީސް ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ޕޯޗުގަލް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި މެސެޖުގައި، މި އަހަރަކީ ދިވެހިރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް