ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމައިފި

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ އިސް ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

"ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަވަން އާއިލާއިން ނިންމަވާފައިވާތީވެ، އިންޝާ ﷲ މި ހަފްތާގެ ހުކުރު ދުވަހުގެކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފަ" މިކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޖަނާޒާގެ ކަންކަން ކުރިއަށްދާ ގޮތް އާއްމުންނަށް އަންގަމުން ގެންދަވާނެކަމަށެވެ.

ޝައިޚް ފަރީދު އަވަހާރުވުމާއި ގުޅިގެން ތަޢުޒިޔާ ފޮނުއްވަވާ ވަޒީރު ވިދާޅުވީ، ޝައިޚް ފަރީދުއަކީ ޚިދުމަތްތެރި ޝަޚްސިއްޔަތެއްކަމަށާއި ވަރަށް ބޮޑެތި ޤުރުވާނީތަކެއްވެ ވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ.

މީގެ އިތުރުން ޝައިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއްކަމަށާއި ގާތްކަން ބޭއްވެވި އަދި ބައްދަލުވާ ކޮންމެ ފަހަރަކުމެ ހެޔޮ ނަސޭހަތްދެއްވެވި ބޭފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަޟީލަތުއްޝައިޚް އިބްރާހިމް ފަރީދު އަވަހާރަވުމާއި ގުޅިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ " ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު  އަވަހާރަވުމަކީ އިސްލާމީ ދަޢުވަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެކެވެ. ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދަކީ އިސްލާމީ ދަޢުވަތުގެ މައިދާނުގައި ފާހަގަކޮށްލެވިފައިވާ ޢިލްމުވެރިއެކެވެ. ނުހަނު ޚިދުމަތްތެރި ހިތްވަރު ގަދަ ޝަޚްޞިއްޔަތެކެވެ. ދަޢުވަތުގެ މައިދާނުގައި ވަރަށް ބޮޑު ޤުރުބާނީތަކެއްވެ ވަޑައިގެންނެވި ބޭފުޅެކެވެ."

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް