ކެޔޮޅުންގެ ލޮބީގެ "މޯލްޑިވްސް ޓޫނާ ރޭސް 2025" މަސްރޭސް؛ އެއްވަނައަށްދާ އޮޑިއަކަށް 1 ލައްކަ ރުފިޔާ

"ކެޔޮޅުންގެ ލޮބީ" އިން "މޯލްޑިވްސް ޓޫނާ ރޭސް 2025" ގެ ނަމުގައި، ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާންމުކޮށްގެން ހުޅުވާލާފައިވާ މަސް ރޭހެއް ބާއްވައ،ި މި ރޭހުގައި އެއްވަނައަށް ދާ އޮޑިއަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ނިންމައިފިއެވެ.

މިއީ ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ޖަމިއްޔާން މި އަހަރު ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގައި ބާއްވަން ހަމަޖައްސާފައިވާ މަސް ރޭހެކެވެ.

ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް ވިދާޅުވި ގޮތުގައި މި ރޭހުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން ދޮށީގެ މަސްވެރިކަމަށް ޝައުޤުވެރިކުރުވައި، މަސްވެރިކަމާރިކަމާ ދުރަށް ގޮސްފައިވާ ޒުވާނުން އަނބުރާ ގެނައުމެވެ. އަދި މީގެ އިތުރުން މަސްވެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަމުގެ ރޫޙު ދިރުވުމެވެ.

24 ގަޑިއިރަށް ކުރިއަށްދާ މި ރޭހުގައި ބައިވެރިވެވޭނީ ފިޝަރީޒް މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އަދި ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދޮށީގެ މަސްވެރިކަން ކުރާ އޮޑިފަހަރަށެވެ.

މި ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގައެވެ. ރޭހުގެ ވަނަތައް ކަނޑައަޅާނީ މިހާރުވެސް ދޮށީގެ މަސްވެރިން މަސްކިރާ އުސޫލާ އެއްގޮތަށް މަހުގެ ބަރުދަން ބަލައިގެންނެވެ.

ރޭހުގައި އެއްވަނައަށް ދާ އޮޑިއަކަށް 100,000 ރުފިޔާ، ދެވަނައަށް ދާ އޮޑިއަކަށް 50,000 ރުފިޔާ، އަދި ތިންވަނައަށް ދާ އޮޑިއަކަށް 25,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5,000 ރުފިޔާ ލިބޭނެއެވެ.

ކެޔޮޅުންގެ ލޮބީން ބުނެފައިވާ ގޮތުގައި މި ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާ އާންމުކޮށް ހުޅުވާލެވޭނެއެވެ. މި ރޭހަކީ ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާޢަތަށް އޮންނަ ލޯބި އިތުރުކުރުމަށް ބާއްވާ ހަރަކާތެއްކަމަށްވެސް ކެޔޮޅުންގެ ލޮބީން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް