ޝައިޚް ފަރީދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޝައިޚް ފަރީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއެއްގެ ގޮތުގައި ޝައިޚް ފަރީދު ސިފަކުރެއްވިއެވެ.

"ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް" ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި "ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވާށި. ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި" ރައީސް ދުޢާކުރައްވަމުން ވިދާޅުވެފައިވެއެވެ.

ޝައިޚް ފަރީދު އަވަހާރަވެފައިވަނީ ހިދުމަތް ޖަމްއިއްޔާގެ ޓީމަކާއެކު މެލޭޝިޔާގެ އެއަރޕޯޓަށް ވަޑައިގަތްފަހުންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް