ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީ މުޖްތަމަޢަށް ބޭނުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އެގޮތުން، މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި 160އެއްހާ ކުދިން ތިބިކަމަށާއި އެ އެކުދިންނަކީ މުޖްތަމަޢަށް ޚިދުމަތްތެރި، މުޖްތަމަޢު ބަލައިގަންނާނެ ބަޔަކަށް ހެދުމަށްޓަކައި އެކުދީންނަށް ބޭނުންވާ ތަމްރީނުތަކާއި، ހުނަރުތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި، އެމްޕަވަރމަންޓް އެންޑް އެމްޕްލޯއިމަންޓްގެ ނަމުގައި ވުޒާރާގެ ވަކި ޑިޕާޓްމަންޓެއް ހަދާ، އެ ޑިޕާޓްމަންޓްގެ ފަރާތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޢުމުރުން 14 ވަރަކަށް އަހަރުވާއިރަށް އެކުދިން ކުރަން ބޭނުންވަނީ ކޮންކަހަލަަ މަސައްކަތެއްތޯ ބަލައި، އެކުދިން ދަސްކުރަން ބޭނުންވަނީ ކޮންކަހަލަ ކަމެއްތޯ ބަލައި އޮޅުންފިލުވައިގެން އެކުއްޖަކު ބޭނުންވާކަހަލަ ތަމްރީނުތަކެއް މިހާރު ފޯރުކޯށްދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެ ކުދިން ބޭނުންވާކަހަލަ ތަމްރީނުތައް އެކުދިންނަށް ފޯރުކޮށްދިނުމަށްފަހު ކުއްޖާގެ ޢުމުރުން 18 އަހަރުވާއިރަށް އެކުދިންނަށް އެ ސެޓްފިކޭޝަން ލިބޭގޮތަށް ކަންތައް އިންތިޒާމްކުރެވިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިސާލަަކަށް ދަންނަވާނަމަ ވޯޓަރ ސްޕޯޓްސް، ޑައިވިންގް ހަދާ ހިތްވާކުއްޖެއް އަޅުގަނޑުމެންގެ ކޮންމެ ސެންޓަރެއްގައި ހުރިކަމުގައިވިޔަސް އެކުއްޖަކަށް އެ ވޯޓަރ ސްޕޯޓްސް އެހެންނޫނީ ޑައިވިނގް ކިޔެވޭނެ ތަނަކަށް އެމަސައްކަތް ދަސްކޮށްދެވޭނެތަނަކަށް އަޅުގަނޑުމެން އެކުދީން ބަދަލުކުރާނަން. ކޮށްފަ އެތަނުގައި ހުރެގެން 18 އަހަރު ވާންވާއިރަށް އަޅުގަނޑުމެންނަށް އެކުދިންނަށް އެ ސެޓްފިކޭޝަން ލިބޭގޮތަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ". ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮޮގްރާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިތިބި 75 ކުއްޖަކު މިހާތަނަށް ޢާއިލާތަކާ ޙަވާލުކުރެވިފައިވާކަމަށާއި އެ ކުދިން ޙަވާލުކުރެވޭ ޢާއިލާތަކާއެކުގައިވެސް ވުޒާރާގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް