ދަތުރުފަތުރު ކުރުމަށް ބޭނުންކުރަމުންދާ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް އަންނަނީ މަސައްކަތްކުރަމުން: ވަޒީރު

ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރަމުންދާ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

އެގޮތުން ދަތުރުފަތުރުކުރުމަށް ރާއްޖޭގައި ގިނަ އުޅަނދުތަކެއް ބޭނުން ކުރަމުންދިޔަ ނަމަވެސް މި ތަކެއްޗަށް އެކަށީގެން ރައްކާތެރިކަމެއް ފޯރުކޮށް ނުދެވޭކަމަށާއި މިސާލަކަށް ބަލާއިރު ބައިވަރު ސައިކަލުތަކާއި ކާރުތަކާއި ލޯންޗުތަކާއި މިހުރިހާ އެއްޗެއް ހުރިއިރު، އޭގެ އޯނަރުންނަށް އޭގެ ސެކިއުރިޓީއެއް މިއަދަކު ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަގަށްވެސް ނަގަންވީ. ފުލުހުންނަށް މިހުރިހާ އެއްޗެހި ބެލެހެއްޓުމަކީ ޕްރެކްޓިކަލް ކަމެއް ނޫން. އެ ޔުނިޓެއްގެ ވެރިފަރާތަށް އެ މޫވްކޮށްލިއަސް ތަނަކަށް ގެންދިޔަޔަސް އެނގޭނެ ނިޒާމު އެބަހުރި މިހާރު ދުނިޔޭގައި. ސަރުކާރުގެ ޒިންމާއެއް އެ ޓެކްނޮލޮޖީ ގެނެސް ރައްޔިތުންނަށް ދިނުމަކީ." ވަޒީރު ވިދާޅުވިއެވެ.

އެފަދަ ޓެކްނޮލޮޖީއެއް ރާއްޖެއަށް ތަޢާރަފްކުރެވިއްޖެ ނަމަ ގިނަ ފައިދާތަކެއް ކުރާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި ޤަވާއިދުތައް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކަށް ލުއިފަސޭހަކަން ލިބެނޭކަމަށާއި އަދި އާންމު ފަރާތެއްގެ އުޅަނދަކަށް ގެއްލުމެއް ދޭން އުޅޭނަމަ އެކަންވެސް އެނގޭނެކަމަށެވެ.

" އާރްއެފްއައިޑީގެ ޓެކްނޮލޮޖީގެ ބޭނުން ކުރެވިއްޖެނަމަ ވަގު ނަންބަރު ޕްލޭޓް އަޅުވައިގެންވެސް ނޫޅެވެނެ. އެހެން ބަޔަކު އެޔާއި ބެހި ނޫނީ ގެންދާ ކަމަށްވަންޏާމު، އެލާޓު ސިސްޓަމްތައްވެސް ޤާއިމްކުރެވޭނެ. އަދި ބާރަށް ދުއްވުމާއި ސްޕީޑް ކޮންޓްރޯލް ނުކުރެވޭ ވަރަށް ބާރަށް ދުއްވީމަ ތަންފީޒީ އިދާރާތަކަށް އެނގޭނެ. އެހެންވީމަ އެ ޓެކްނޮލޮޖީ މިހާރު ދުނިޔޭގައި އެބަހުއްޓޭ. ޤަބޫލުކުރަންވީ ހަޤީޤަތަކީ އެ ޓެކްނޮލޮޖީ ރާއްޖެއަށް މިހާރު ގެންނަވީއްޔޭ." ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، މި ޓެކްނޮލޮޖީ ރާއްޖެ ގެނެވިއްޖެ ނަމަ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މި ބޭނުންކުރަމުންދާ އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވޭނެކަމަށާއި އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްވެސް އެ ފަރާތެއްގެ މުދަލެއްގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް