އަދި މޫސުމީގޮތުން ދިމާވަމުންދާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން މެނުވީ ހައްލު ކުރެވޭނެ މައްސަލައަކަށް ނުވާ އިރު، ބަވަނަ ވަމުންދާ އަދުގެ ދުނިޔޭގައި މިކަމަށް އަވަސް ހައްލެއް ގެނައުމަށް ހުރި ގޮންޖެހުންތައް ގިނަގުނަކަމަށާއި އެހެންކަމުން، މޫސުމީ ބަދަލުތަކަށް ހޭނި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައިވެސް އަޅައި ދުރާލައި ތައްޔާރުވާންޖެހޭކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އަޅުގަނޑުމެންގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިޤްތިޞާދު އެއީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާޢަތްތައް ސިންދަފާތުކުރަންޖެހޭކަމަށެވެ.
ޔޫއެން ޑެކޭޑް އޮފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ގޮތުގައި މި ގުނޭ އަހަރުތައް މި ފާހަގަކުރެވެނީ ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ފުރިހަމަ ސައިންޓިފިކް މަޢުލޫމާތު ހޯދުމަށް މުޅި ދުނިޔެއިން މަސައްކަތްކުރާ އަހަރުތަކެއްގެ ގޮތުގައިކަމަށާއި އޯޝަން ޑެކޭޑްގެ ދަށުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަނޑު، ފަޅާއި، ފަރު އަދި މި މާހައުލުތަކުގެ ދިރުންތަކާގުޅޭ ދިރާސާތައް ކުރުމާއި، އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، އައު ޓެކްނޮލޮޖީ އީޖާދުކޮށް ތަޢާރުފުކުރުން ފަދަ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތްތަކެއް މިދަނީ ކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގައުމާއި މުޙާތަބްކުރައްވައި ދެއްވި އެންމެ ފުރަތަމަ ތަގްރީރުގައިވެސް ސަރުކާރުގެ އަސާސްތައް ބިނާވެގެންވަނީ ދިރާސާތަކުގެ އަލީގައި ކަން ފާހަގަކުރައްވާފައިވުމަކީ މިކަމަށް ބާރު ދޭ ކަމެއްކަމަށާއި، ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ މުހިއްމު ސިނާޢަތްތައްކަމުގައި މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ކަނޑުގެ މާހައުލުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަނޑުތަކުގެ ދުޅަހެޔޮކަމާއި ދިރުންތައް ރައްކާތެރިކުރުމާބެހޭ މުހިއްމު މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަކީ ކޮންމެހެން މުހިއްމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި މިއީ، ކަނޑުގެ މާހައުލު ބެލެހެއްޓުމުގައްޔާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ފިޔަވަޅުތައް އެޅުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ވާނެކަމާމެދު ޝައްކެއް ނެތްކަމަށާއި އެމަނިކުފާނުގެ ދުޢާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑާއި ކަނޑުގެ ވަސީލަތްތައް ރާވައި، ހިންގައި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަކުގެ ދަށުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކޮށްދެއްވާ، ކަނޑުފަޅުތަކުން ދިވެހިންނަށް ލިބެމުންދާ ނަފާ ދިގުމުއްދަތަކަށް ދެމިގެން ދިއުންކަމަށް ވަޒީރު ވިދާޅުވިއެވެ.





