ރައްޔިތުން އިތުބާރުކުރާ ރައްޔިތުންނަށް ބާރޯސާވެވޭ ބަޔަކަށް ކައުންސިލްތައް ހަދަން ޖެހޭ: ވަޒީރު

ރައްޔިތުން އިތުބާރުކުރާ ރައްޔިތުންނަށް ބާރޯސާވެވޭ ބަޔަކަށް ކައުންސިލްތައް ހަދަން ޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެގޮތުން، ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާން ތައްޔާރަށް އޮންނަ ކައުންސިލްތަކަކަށް ހަދަން ޖެހޭ ކަމަށާއި، ކައުންސިލްތަކާއި ސަރުކާރާއި އޮންނަ ގުޅުން ރަނގަޅުކޮށް ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމަށް އަދުގެ ސަރުކާރުން އުފެއްދި މި ވުޒާރާގެ މަސައްކަތް މިދިޔަ ދޮޅު އަހަރު ކުރިއަށް ގެންދެވުނު އިރު، ކައުންސިލްތަކުން މިހާރު އެ ވުޒާރާގެ މަސައްކަތްތައް ބަލައިގަނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެ ވުޒާރާގެ މައިގަނޑު މަސައްކަތަކީ ސަރުކާރާއި ކައުންސިލްތަކާއި ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރުންކަމަށާއި، މިހާތަނަށް އައިއިރު ވުޒާރާގެ ހިންގުމުގެ މުހިންމު އުސޫލުތައް ހެދި ޢަމަލުކުރަން ފެށިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއާއެކު ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ނިޒާމުގެ ތެރެއިން އެންމެ އިސްކަމެއް ދެވެނީ، ރައްޔިތުން ބާރުވެރިކުރުވަން ކަމަށާއި އެކަން ކުރުމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެންޖެހެނީ ކައުންސިލްތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުވެސް ދައުލަތުގެ އެކި ވުޒާރާތަކުން ތަފާތު އެތަކެއް މަޝްރޫޢުތަކެއް ރަށްރަށުގައި ހިނގަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އެ ރަށްތަކަށް ވަޑައިގަތުމުން، އެ މަޝްރޫޢުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދޭކަމަށްކަމަށާއި މިހެން މިކަން ދިމާވާ އެންމެ ބޮޑު ސަބަބަކީ މަޝްރޫޢުގެ ފުރަތަމަ މަރުހަލާގައި ރައްޔިތުންގެ ޚިޔާލު ރަނގަޅަށް ދެނެގަނެވިފައި ނެތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިނިސްޓްރީގައިވެސް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމެއް، އެކި މަޝްރޫޢުތައް ހިންގޭއިރުވެސް އަދި މިކަންކަން ތަންފީޒުކުރެވިގެންދާއިރުވެސް ކައުންސިލްތަކާއި ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން، ކައުންސިލްތަކާޢި ރައްޔިތުންގެ ލަފަޔާ އިރުޝާދުގެ ދަށުން މިކަންކަން ވެގެން ދިއުން." ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މި މަސައްކަތުގެ ފީސިބިލިޓީ ހެދުމަށް މިމަހުގެ ތެރޭގައި ކުރުމަށް ޗައިނާގެ ޓީމެއް އަންނަން ހަމަޖެހިފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރު ޚަރަދުގައި ތަރައްޤީކުރަމުންދާ 55 ކައުންސިލުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް