ވޭތުވެދިޔަ އަހަރުތަކުގެތެރެއިން މިއަހަރަކީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅު އަހަރު: ވަޒީރު

ވޭތުވެދިޔަ އަހަރުތަކުގެތެރެއިން މިއަހަރަކީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅު އަހަރުކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ފޭލިގެއަށް ކުރެއްވި ޒިޔާރަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގައެވެ.

މި ޒިޔާރަތުން އެންމެ ފާހަގަކުރެވުނީ ޙައްޖު ކޯޕަރޭޝަނުން ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާލެއް ފުރިހަމަކަންކަމަށާއި އެކަމަށްޓަކައި ޙައްޖު ކޯޕަރޭޝަނަށް ޝުކުރުއަދާކުރައްވައި ވަޒީރު ވިދާޅުވީ، އެތައް ލައްކަ މީހުން ޝަމިލްވާ ހަރަކާތެއްގެތެރޭގައި ކެތްތެރިވާންޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށެވެ.

އަދި މިހުރިހާ ކަމަކާއެކުވެސް ވޭތުވެދިޔަ ހުރިހާ އަހަރުތަކެއްގެ ތެރެއިން މިއަހަރަކީ ފުރިހަމަ އިންތިޒާމުތަކެއް ޤާއިމްކޮށްފައިވާ އަހަރެއްކަމަށާއި ވަރަށް ގިނަ ހާޖީންނާއި މި ޒިޔާރަތުގައި ބައްދަލުވެ ދެކެވުނު ވާހަކަތަކުން އެނގިވަޑައިގަތީ ރަނގަޅު ޚިދުމަތްތަކެއް ދެވޭކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަންޖެހޭ ބައެއް ކަންކަންވެސް ބައެއް ޙާޖީން ހިއްސާކުރިކަމަށާއި، ކޮންމެ މިފަދަ ބޮޑުކަމެއްގައި ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮންޓްރޯލްގެތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކުރާނަން. އެނގިވަޑައިގަންނަވާނެފަދައިން ޙައްޖުގެ މިފަދަ ކަންކަމަކީ ސަޢުދި ޢަރަބިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެދަށުން ފުރިހަމަވެގެން ދާކަމެއް ހަގަގީގަތުގައި މިކަމަކީ. އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވިޔަސް ނުވާނެ ކަންކަން އެހެންވީމަ ހުންނާނެ. އެހެންނަމަވެސް މިއަހަރަކީ އިންތިޒާމުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ އަހަރެއް." ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތަކުގެތެރެއިން ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއްވެސް ޙައްޖާޖީއެއް ނުގެއްލި، ޙައްޖުގެ އަޅުކަން އަދާކުރެވުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ކޮންމެ އަހަރަކުވެސް ދިމާވާ މައްސަލައެއް އެއީ އަރަފާތުން ނިކުމެ މުޒަދަލިފާއަށް ގޮސް، މުޒްދަލިފާއިން ނިކުމެ ބޮޑު ޖަމްރާއަށް ހިލައުކާފައި މިނާއަށް އައުން އެއީ ހައްޖުގެ އެންމެ ދަތިވަގުތު. އެއީ ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ގެއްލުމާއި މަގފު އޮޅުންފަދަ ކަންކަން ދިމާވާކަމެއް. ނަމަވެސް މިއަހަރު އެފަދަ ކަމެއް ނުހިނގާ ހުރިހާ ހާޖީން ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެެއް" ވަޒީރު ވިދާޅުވިއެވެ.

މިނާގައި ދިވެހި ޙައްޖާޖީން ތިބި ފޭލިގެއަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަޢުދި ޢަރަބިއްޔާއަށް ވަޑައިގެން އުޅުއްވާ އެހެން ވަޒީރުންވެސް ޒިޔާރަތްކުރެއްވިއެވެ. އޭގެތެރޭގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މާލީ ވަޒީރު މޫސާ ޒަމީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފް ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް