މޯލްޑިވިއަނަށް އޭޓީއާރު މަރުކާގެ 5 ވަނަ މަތިންދާބޯޓު ގެނެސްފި

ޤައުމީ އެއަރލައިން މޯލްޑިވިއަނަށް އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް އިއްޔެ ހަވީރު 4:00 ގައި ރާއްޖެ ގެނެސްފިއެވެ.

މިއީ މޯލްޑިވިއަންގެ ފްލީޓަށް ގެނައި އޭޓީއާރު މަރުކައިގެ 5 ވަނަ މަތިންދާ ބޯޓެވެ.

މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމަށް ކުރާ މަސައްކަތުގެ ދަށުން މޯލްޑިވިއަންގެ ޚިދުމަތަށް ގެނައި މި މަތިންދާ ބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ކުރުމަށްފަހު، ރަންވޭގައި ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއް ދެވުނެވެ.

މިކަން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޚީމްއާއި، މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވިއެވެ.

ވަޒީރު ޠާރިޤް އިބްރާޚީމް ވިދާޅުވީ، މޯލްޑިވިއަންނަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިއަހަރު ފަހުކޮޅު މޯލްޑިވިއަންގެ ދަތުރުތައް ދުރު މަންޒިލްތަކަށް ފެށުމަކީ އުއްމީދެއްކަމަށެވެ. އަދި މިގޮތަށް މަސައްކަތް ކުރެވިއްޖެނަމަ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމުގެ އުންމީދު އޮތްކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މި އައު އޭޓީއާރުގެ ސަބަބުން އެއަރލައިންގެ އޮޕަރޭޝަނަށާއި ފަސިންޖަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކެބިންއެއްކަމަށް ވުމުން ދަތުރުކުރާ ފަސިންޖަރުންގެ ތަޖުރިބާވެސް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް