ޓެކްނިކަލް މައްސަލަ ޙައްލުކޮށް ފުނަދޫ އެއަރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި

ފުނަދޫ އެއަރޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށް، އެ އެއަރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފިކަމަށް ރީޖަނަލް އެއަޕޯޓްސްއިން ބުނެފިއެވެ.

މި މައްސަލަ ދިމާވެގެން އެ އެއަރޕޯޓަށް ކުރަމުންގެންދިޔަ މޯލްޑިވިއަންގެ ދަތުރުތައް މިއަދު ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ރީޖަނަލް އެއަޕޯޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއަރޕޯޓުގެ ފަޔަރ ލޮރީއަށް ދިމާވި މައްސަލައެއްގެ ސަބަބުން ދަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާރު އެ މައްސަލަ ޙައްލުކޮށް އެއަރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.

"ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން އަބަދުވެސް ކުރާނަން. އެހެންނަމަވެސް، ރީޖަނަލް އެއަޕޯޓްސްއިން ބަލަހައްޓަމުންދާ ގިނަ އެއަޕޯޓްތަކުގައި މިހާރު ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއް." ރީޖަނަލް އެއަޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވިއެވެ.

މުބީން އިތުރަށް ވިދާޅުވީ، މިފަދަ މައްސަލަތަކަކީ ކުރީގެ ސަރުކާރުތަކުން އެއަޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާއެއް ކަމަށެވެ. އަދި މިހާރު އެމްއޭސީއެލްއާއި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން އައު ފަޔަރ ޓްރަކްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް