ރާއްޖޭގެ ތާއީދާއެކު، އައިއެލްއޯގެ އޮބްޒާވަރުކަން ފަލަސްތީނަށް

ރާއްޖޭގެ ތާއީދާއެކު، އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އޮބްޒާވަރ ސްޓޭޓަސް ފަލަސްތީނަށް ރަސްމީކޮށް ދިނުމަށް ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ އެ ގައުމު ބަލައިގަތުމާއި ގުޅޭގޮތުން ހުށަހެޅުނު ގަރާރަކަށް ބޭއްވުނު ވޯޓަކުން ފާސްވުމާއި ގުޅިގެންނެވެ.

މި ގަރާރަށް ވޯޓު ދިން 386 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ. އަދި 15 ގައުމަކުން ވަނީ ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. މީގެ އިތުރުން 42 ގައުމަކުން ވަކި އަތަކަށް ވޯޓު ނުދެއެވެ.

މި ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުން ބުނީ، މިއީ އިންޓަނޭޝަނަލް ލޭބަ ކޮމިއުނިޓީގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތް ލިބިދިނުމަށް ކުރަމުންދާ މަސައްކަތުގައި ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިފަދަ މުހިންމު ނިންމުމެއް ފާސްކުރެވިގެން ދިޔުމުގެ ބައިވެރިއަކަށް ވުމަކީ އެކަމާ މެދު ފަހުރުވެރިވާ ކަމެއް ކަމުގައި ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.

އިންސާފާއި ކަރާމާތާއި އަދި ބައިނަލްއަގުވާމީ އެއްބައިވަންތަކަމަށް ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ތާއީދާއި އެއްބާރުލުން އޮންނާނެކަން އަންގައިދިން މި ވޯޓާ ގުޅިގެން، ފަލަސްތީނުގެ ވަފުދާ ބައްދަލުކުރުމުގެ ޝަރަފު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ލިބިވަޑައިގެންފައިވާ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެ އެވެ.

ޑރ. ހައިދަރުވަނީ އެ ބައްދަލުވުމަށް ވަޑައިގެންނެވި ފަލަސްޠީނުގެ ވަފުދާ ބައްދަލުކުރައްވައި މަރުހަބާ ދެންނެވުމާއެކު، ފަލަސްޠީނު ރައްޔިތުންނަށް ޝަރަފުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެ އަބަދުވެސް ފަލަސްޠީނާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އައިއެލްއޯ ކޮންފަރެންސްގައި އިސްރާއީލުގެ ވަޒީރު ވާހަކަދައްކަވަން ފެއްޓެވުމުން ޑރ.ހައިދަރާއި ދިވެހި ވަފުދުވަނީ އިހުތިޖާޖުކުރެއްވުމުގެ ގޮތުން މާލަން ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް