އިސްރާއީލް ޕާސްޕޯޓު މަނާކުރުމުން ޚާރިޖީ ގުޅުންތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ؛ ޤައުމުތަކުން އެކަން ބަލައިގަތް: ވަޒީރު

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުން ޚާރިޖީ ގުޅުންތަކަށް އެއްވެސް ގެއްލުމެއް ނުލިބޭކަމަށާއި އެހެން ޤައުމުތަކުން އެކަން ބަލައިގަތްކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހި ޚާރިޖިއްޔާގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އެގޮތުން، މިއީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކުން މީގެ ކުރިން ކޮށްފައި އޮތް ކަމެއް ނޫންކަމަށާއި ބޮޑެތި އިޤްތިޞާދީ ގޮތުން ވަރުގަދަ ޤައުމުތަކުން މިކަހަލަ ކަންކަން ކުރި ނަމަވެސް މިއީ ރާއްޖެފަދަ ކުޑަ ޤައުމަކުން މީގެ ކުރިން ކުރި ކަމެއްނޫންކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

"ރާއްޖެ ފަދަ ކުޑަޤައުމަކުން މީގެ ކުރިން ކޮށްފައެއް ނެތް. މިއިން އަޅުގަނޑުމެންނަށް ދައްކައިދެނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން. އެމަނިކުފާނުގެ [ރައީސް]ގެ ހުރި އަޒުމް ވަރުގަދަކަން މީގެއިން ދައްކުވައިދެނީ" ވަޒީރު ވިދާޅުވިއެވެ.

ފަލަސްޠީނު ރައްޔިތުންނާއި ދިވެހިންގެ އޮތީ ވަރަށް އަޚުވަންތަ ގުޅުމެއް ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިމައްސަލައަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ މައްސަލައަކަށްވުމުން މި ނިންމުމުގެ ތެރޭގައި ކުރެވުނު ޚާރިޖީ މަޝްވަރާތަކުގައިވެސް އިސްކަމެއް ދީނީ، ދިވެހިންގެ މަސްލަހަތު އިސްކުރުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެފަދަ އަސަރެއް ނުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަކީ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށް ބަލައިގެން ގާތްގަނޑަކަށް އަޅުގަނޑުމެން މަޝްވަރާކުރި ހުރިހާ ޤައުމަކުންވެސް އަޅުގަނޑުމެންގެ ސްޓޭންޑް ޤަބޫލުކުރި. ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ، އޭގެ ސަބަބުން އެއްވެސް އަސަރެއް ނުކުރެވޭ. ފަތުރުވެރިކަން ކުރިއަރާ މިންވަރު އެހެންޏާވެސް ހުންނަ ގޮތަށް ހުރީ." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވާލައްވައިފައެވެ.

އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނެސް ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ތަސްދީޤު ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

ގިނަ މަޝްވަރާތަކަކަށް ފަހު ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރަން ފަށާފައިވާއިރު ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވަނީ މިބަދަލަކީ ރައްޔިތުން އެދެމުން ދިޔަ ބަދަލެއްކަން ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް