ސަރުކާރުގެ ޓެކްސީ ލައިންގެ އީވީ ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ވަޒީރު އަމީން ބައްލަވާލައްވައިފި

ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވައިފިއެވެ.

ޓެކްސީ ލައިން ޚިދުމަތް މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.

މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލޭ ސަރަހައްދަށް އާއްމުން ބޭނުންވާ ކޮންމެ ގަޑިއެއްގައި ޓެކްސީ ގެ ޚިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވަނީ 90 އެއްހާ ޓެކްސީ ކަމަށާއި ސަރުކާރުން މި ޚިދުމަތް ފަށަނީ 100 ޓެކްސީ އާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުވެސް ޓެކްސީގެ ޚިދުމަތް ދިނުމަށް 1500 އެއްހާ ޓެކްސީ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ޓެކްސީގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ނުލިބެނީ މިހާރު އެ ޚިދުމަތަކީ،  ޓެކްސީ ދުއްވާ މީހާ ބޭނުންވާ ގަޑިއެއްގައި ޚިދުމަތްދޭން އޮންނަ ކަމަކަށްވެސް ވެފައިވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެން ކަމުން ސަރުކާރުން މިކަން ފަށާ ޑިސިޕްލިން ކުރެވުމުން ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް ސަރުކާރުން ދޭން ނުޖެހޭވަރަށް ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެޕްލިކޭޝަނެއް މެދުވެރިކޮށް މި ޚިދުމަތް ފެށުމުން އެމީހަކު ބޭނުންވާ ވަގުތެއްގައި ވަކި ތަނަކަށް މިހާރު ދަތުރުކުރުމުގެ ޑިސިޕްލިން ރަނގަޅުވެގެންދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރަނީ އަމިއްލަ އަށް މި ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތައްވެސް އެ ޑިސިޕްލިންއަށް ބަދަލުވެ، ކާރުގެ ފެންވަރު ރަނގަޅު ކޮށް ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރާނެ ކަމަށެވެ. އެހެން އެކަންވެއްޖެ ނަމަ ރާއްޖޭގެ ޓެކްސީގެ ޚިދުމަތުގެ ފެންވަރު ކުރިއަށް އޮތް ތަނުގައި ރަނގަޅު ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިން ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް