ފާއިތުވި ހަފްތާގައި ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 142 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

ފާއިތުވި ހަފްތާގައި ރާއްޖޭގައި ހިނގި އެކި ބާވަތުގެ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 142 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

އެގޮތުން އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ 27 އިން ޖުން މަހުގެ 2 އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 35 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 673،402.60 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 142،851.90 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

9 މައްސަލައިގައި ޖުމުލަ ގެއްލުނު ފައިސާ އަނބުރާ ހޯދިފަވާއިރު 2 މައްސަލައެއްގައި އެކިމިންވަރަށް އަނބުރާ ފައިސާ ހޯދިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ރިޕޯޓްކުރެވުނު ސްކޭމްގެ ބާވަތްތައް:

  • އީ-ކޮމާސްގެ - 18 މައްސަލަ
  • ބޭރު ފައިސާ މާރުކުރުމުގެ - 8 މައްސަލަ
  • ވިޝިންގ ސްކޭމް (ފޯނުން ގުޅައިގެން) - 5 މައްސަލަ
  • ފިޝިންގ ލިންކް ބޭނުންކޮށްގެން - 2 މައްސަލަ

ސްކޭމްކުރަން ބޭނުންކޮށްފައިވާ މައިގަނޑު ވަސީލަތްތައް:

  •  ފޭސްބުކް މާކެޓްޕްލޭސް - 15 މައްސަލަ
  •  ވައިބަރ - 6 މައްސަލަ
  •  ފޯންކޯލް - 5 މައްސަލަ
  •  އައިބޭ - 3 މައްސަލަ
  • ފޭސްބުން، މެސެންޖަރ، ޓެެގްރާމް، އިންސްޓަގްރާމް، ސްނެޕްޗެޓް (ކޮންމެ ޕްލެޓްފޯރމަކުން 1 މައްސަލަ)

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމާއި އޯޓީޕީ އަދި ޒާތީ މަޢުލޫމާތު ހިއްސާނުކުރުމާއި ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުން އަދި ވިޔަފާރި ނުވަތަ ފައިސާމާރުކުރުމުގައި ހުއްދަ އޮންނަ ފަރާތްތަކާއި މުއާމަލާތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އެދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް