ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު އެއްކުރަން ފަށައިފި

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަންނަ އަހަރު އަލަށް ހުޅުވާ ސްކޫލަށް މާލެ ސަރަހައްދުން ވަންނަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ އެއްވަނަ ދުވަހުން ފަށައިގެން އެއްކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މާލޭ ސަރަހައްދުން މި ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ފަރާތުން ފޯމު ފުރުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަސްކަމަށާއި އަދި ސުންގަޑި ހަމަވުމުގެ ކުރިން ފޯމު ފުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު ހުޅުމާލޭ ސްކޫލުތަކުން ޖާގަ ނުލިބިގެން މާލޭގެ ސްކޫލުތަކަށް 900 އަށްވުރެ ގިނަ ދަރިވަރުން ދަތުރުކުރަމުންދެއެވެ. އަދި ހުޅުމާލެ ފޭސް 2 ގެ ސްކޫލުތަކުން ޖާގަ ނުލިބިގެން ފޭސް 1 ގެ ސްކޫލުތަކުގައި 300 ދަރިވަރުން ތައުލީމު ހާސިލުކުރަމުން ދެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވާ ގޮތުގައި، އަލަށް ހުޅުވާ ސްކޫލް މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ނިމޭނެއެވެ. މި ސްކޫލަކީ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރެވޭ، އޭސީ ކުރެވިފައިވާ ސްކޫލެކެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ސްކޫލުގައި 1500 ދަރިވަރުންގެ ޖާގައިގެ 54 ކްލާސްރޫމް ހުންނާނެއެވެ. އަދި އެއްދަންފަޅެއްދަންފަޅިއަށް ހިންގަން ނިންމާފައިވާ މި ސްކޫލް، ދަރިވަރުން ގިނަވެއްޖެނަމަ 2 ދަންފަޅިއަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ. މިގޮތުން، ވީހާވެސް ގިނަ ދަރިވަރުންނަށް ލުއިފަސޭހަކޮށް ގެއާ ކައިރި ސްކޫލަކަށް ދިއުމުގެ ފުރުސަތު ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިހާރު އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސްކޫލް އެންރޯލްމެންޓް ޕްރޮޖެކްޝަން ހެދުމަށްފަހު، ދަންފަޅިތައް ތަރުތީބުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް