ވިލިމާލޭގައި އިމާރާތް ކުރާ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ކިޔަން ކަނޑައަޅައިފި

ވިލިމާލޭގައި ޗައިނާގެ ހިލޭ އެހީގައި އިމާރާތް ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަށް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ނަން ދޭން ކަނޑައަޅައިފި އެވެ.

އެ ހޮސްޕިޓަލުގެ ނަން ކަނޑައެޅިކަމަށް އިއުލާންކުރީ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ "ލެޓާ އޮފް އެކްސްޗޭންޖު" ގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގު ޒިއަންހުއާ ސޮއިކުރައްވަން މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވިދާޅުވީ އެ ގައުމުގެ އެހީގައި އިމާރާތްކުރާ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވާނެ ކަމަށާއި ޗައިނާގައި ސިއްހީ ހިދުމަތްދޭ އެއް މިލިއަނަށް ވުރެ ގިނަ މަރުކަޒުގައި ބޭނުންކުރާ މެޑިކަލް ޑިވައިސްތަކުގެ 96 ޕަސެންޓަކީ އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކަމަށެވެ. އޭގެ އިތުރުން، ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާ އެކު ލައިފް އެކްސްޕެންޓެންސީ ވެސް 70 އަހަރުގެ ތެރޭގައި 35 އަހަރުން 75 އަހަރަށް މަތިވެފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ އިތުރުން ދުނިޔޭގައި މި ވަގުތު ހުރި އެންމެ ބޮޑު ހޮސްޕިޓަލު ވެސް ހުރީ ޗައިނާގައި ކަމަށްވާއިރު އެ ތަޖުރިބާތަކާ އެކު، ވިލިމާލޭގައި އަޅަނީ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށް ސަފީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި މަޝްރޫއު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށާއި، ޑިޒައިން ނިންމައި، ކޮންޓްރެކްޓަރެއް ހޯދުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޗައިނާއާ އެކު އެއްބަސްވުމަށް ފަހު، އެ މަޝްރޫއެއް ޑެލިވާކުރަން ވަރަށް މަސައްކަތްކުރާ ކަމަށާއި އެކަމަށް ޝައްކެއް ނުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް