މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް: ސްޓެލްކޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މޭ މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

މިކަން ހާމަކުރަމުން ސްޓެލްކޯއިން ބުނީ މި ބަދަލާއެކު ކަރަންޓުބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓު ބިލުތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފް ރޭޓްތަކަށް ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވައިފައެވެ.

ޖޫން 1 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ނިންމަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން އިޢުލާންކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.

މިގޮތުން ރައީސް ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއެކު ޑޮމެސްޓިކް ކަރަންޓުގެ ޓެރިފް ރޭޓުތަކަށް 20 ލާރިއާއި 1ރ. އާ ދެމެދުގެ ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓަށް އަންނާނެ ބަދަލުތައް:

  • 0 – 100 ބޭންޑްގެ ރޭޓު 1.50 އިން 1.25 އަށް ކުޑަވާނެ
  • 101 – 200 ބޭންޑްގެ ރޭޓު 1.70 އިން 1.50 އަށް ކުޑަވާނެ
  • 201 – 300 ބޭންޑްގެ ރޭޓު 2.15 އިން 1.50 އަށް ކުޑަވާނެ
  • 301 – 400 ބޭންޑްގެ ރޭޓު 2.50 އިން 1.50 އަށް ކުޑަވާނެ
  • 401 – 500 ބޭންޑްގެ ރޭޓު 2.95 އިން 2.66 އަށް ކުޑަވާނެ
  • 501 – 600 ބޭންޑްގެ ރޭޓު 3.55 އިން 3.20 އަށް ކުޑަވާނެ
  • 600 އިން މަތީގެ ބޭންޑްގެ ރޭޓު 4.25 އިން 3.83 އަށް ކުޑަވާނެ

މި ފަހަކަށް އައިސް ކަރަންޓު ބިލުތައް އަތްނުފޯރާ ފަށުގައި އުޅޭކަމުގެ ޝަކުވާތައް ދަނީ ގިނަ ވަމުންނެވެ. ރައީސްގެ މި ނިންމެވުމާއެކު ކަރަންޓު ބިލުތަކަށް ހެޔޮ ބަދަލެއް އައިސް، ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުއިފަސާހަކަމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް