ދިވެހިން ޙައްޖަށް ދާން ޖަހާ ވެކްސިނާއި ބޭނުންވާ ބޭސް ހިލޭ ލިބޭނެ އިންތިޒާމް ރައީސް ހަމަޖައްސަވައިފި

ދިވެހިން ޙައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް އިއްޔެއިން ފެށިގެން ހިލޭ ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކޮށްލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން، ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި، ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ޙައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވިދާޅުވެފައެވެ.

ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރާތް ކުރައްވައި، ޙައްޖުވެރިންނާ ބައްދަލުކޮށްލައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހީން ޙައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މިގޮތުން ޙައްޖުވެރިންނާ ވަރަށް ގާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިއަހަރުގެ ޙައްޖުވެރިންގެ ހުރިހާކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސަޢޫދީ ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ދިވެހި ޙައްޖުވެރިން މިނާގައި ތިބުންވެސް "އަޕްގްރޭޑް"ކޮށް ޚިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ދިވެހިންނަށް ޚާއްޞަ ކްލިނިކެއްވެސް ޤާއިމުކޮށް ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހުރިހާ ކަމަކަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަދި އެންމެހައި ދިވެހި ޙައްޖާޖީންގެ ފަރާތްޕުޅުން ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މިމޭރުމުން ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، ސަޢޫދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުޚުއްވަތްތެރި ކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި، އެކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއްކަމުގައި ވިދާޅުވެފައެވެ.

ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ޙައްޖާޖީން ދަތުރުކުރިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް