އޮސްޓްރޭލިޔާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވައިފި

ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީއެއް ފުރަތަމަ ފަހަރަށް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެމްބަސީ ޤާއިމުކޮށްފައިވަނީ މާލޭގައި ހުންނަ ހޮޓެލް ޖެންގައެވެ. އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މާރިޔާ ވިދާޅުވީ އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު އޮތީ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ ތާރީޚީ ގުޅުމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮސްޓްރޭލިޔާގެ އެމްބަސީއެއް ޤާއިމުވުމަކީ މި ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ރިޗާޑް މާލްސް ވިދާޅުވީ ރާއްޖޭގައި އެމްބަސީއެއް ޤާއިމުކުރުމަކީ އޮސްޓްރޭލިޔާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ތަޢުލީމާއި މީހުން ތަމްރީނުކުރުމުގެ ދާއިރާއިން އޮސްޓްރޭލިޔާއިން ގިނަ އެހީތަކެއް ވެދީފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރިޗާޑް މާލްސް ހާމަކުރެއްވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އުޅަނދެއް ހަދިޔާކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން ނިންމާފައިވެއެވެ. އަދި އޮސްޓްރޭލިޔާގެ ރޯޔަލް ނޭވީގެ ފަރާތުން ތަމްރީނުވުމުގެ ފުރުޞަތު ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް