ރާއްޖެއަށް ގެނައި ސަޢުދީ އަމީރު ފަހަދާ ބެހޭ ގޮތުން ޚާރިޖީ ވަޒީރާ ސުވާލު ކުރުމަށް ހާޟިރުކުރަނީ

ރާއްޖެއަށް ގެނައި ސަޢުދީ އަމީރު ފަހަދާ ބެހޭ ގޮތުން ސުވާލު ކުރުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް މަޖިލިހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވި ކަމަށް ބުނާ ސަޢުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ޕްރިންސް ފަހަދް ސަޢުދު އަލްޝަލަންއާ ގުޅޭގޮތުން ސުވާލުތަކެއް އުފެދިފައިވާތީއެވެ.

މި މައްސަލައިގައި މީކާއިލް ވަނީ ތިން ސުވާލެއް ކުރުމަށް ހުށަހަޅާފައެވެ.

އެގޮތުން، ޕްރިންސް ފަހަދަކީ ހަގީގަތުގައިވެސް ސަޢުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ އާއި، އެ ބައްދަލުވުމުގައި ސަޢުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ އަދި މި މަޢުލޫމާތު ހަގީގަތާ ޚިލާފުނަމަ، ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އޭގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ ސާފުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މަޢުލޫމާތުލިބޭ ގޮތުގައި، މި މައްސަލަ މިހާ ބޮޑަށް ސަމާލުކަން ލިބެމުންދަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚަބަރާއި ފޮޓޯތައް މިހާރު އެ ވެބްސައިޓުން ގެއްލިފައިވާތީއެވެ.

މީގެ އިތުރުން، ރާއްޖޭގެ ބައެއް މީޑިއާތަކުން މި ބައްދަލުވުމާ ގުޅޭގޮތުން ސުވާލު އުފައްދާފައިވުމާއެކު، މި މައްސަލައިގެ ހަގީގަތް ހާމަކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް