ދިވެހި ޑޮކްޓަރުންގެ ޓީމަކާއެކު މި މަހު ކުޅުދުއްފުށި ސިޓީގައި ކޭމްޕެއް ބާއްވަނީ

ދިވެހި ޑޮކްޓަރުންގެ ޓީމަކާއެކު މި މަހު ކުޅުދުއްފުށި ސިޓީގައި ކޭމްޕެއް ބާއްވަން ނިންމައި، ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކުރަން ހުޅުވާލައިފިއެވެ.

އެކި ދާއިރާތަކަށް ހާއްސަ ދިވެހި ޑޮކްޓަރުންނާއެކު ބާއްވާ މި ކޭމްޕް ބާއްވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ފަރާތުންނެވެ. އެ ހޮސްޕިޓަލުން ކޭމްޕް ބާއްވަނީ ސިއްހީ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެންނެވެ.

ކޭމްޕް ކުޅުދުއްފުށީގައި ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ޖޫން 12 އިން 14 އަށެވެ. ކޭމްޕުގައި ތަޖުރިބާކާރު 8 ޑޮކްޓަރުން ބައިވެރިވާނެކަމަށް ކޭއާރުއެޗްއިން ބުނެފައިވެއެވެ. މިޓީމްގައި 8 ޑޮކްޓަރުން ހިމެނެއެވެ.

ކޭއާރުއެޗްއިން ބުނީ ކޭމްޕުގައި ގިނަ ހިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން؛

  • ކަފާލައިގެން (އޯޕަން) އަދި ލޯވަޅުއަޅައިގެން (ލެޕްރަސްކޯޕިކް) ކޮށް އޮޕަރޭޝަން ކުރުމާއި،
  • ފަސޭހަނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާ ދިނުމާއި،
  • ޕްލާސްޓިކް ސަޖަރީގެ ހިދުމަތާއި،
  • ކެންސަރުބަލީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް
  • ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތާއި،
  • ނާރުގެ ބަލިތަކުގެ އޮޕަރޭޝަން (ނިއުރޯ ސާޖަރީ) ގެ ޑޯކްޓަރުގެ ހިދުމަތުގެ ނުފިލާ ހުންނަ ތަދުތަކަށް ފަރުވާ ދިނުން ހިމެނެއެވެ.

ބަލިތަކަށް ފަރުވާދިނުމަށް ޑޮކްޓަރުންގެ ޓީމުން އޯޕީޑީގައި ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހޮސްޕިޓަލުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ތަމްރީނުތައް ނަގައިދިނުމަށް ހަމަޖެހިފައިވާކަމަށް ކޭއާރުއެޗްއިން ބުނެފައިވެއެވެ.

ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ނުވަތަ އޮޕްރޭޝަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލާފައެވެ. އެ ހޮސްޕިޓަލުން ބުނީ 6528864 ނަންބަރަށް ގުޅައިގެން ނުވަތަ ހޮސްޕިޓަލްގެ ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ނަންނޯޓު ކުރެވޭނެ ކަމަށެވެ.

މިފަހަކުން މިފަދަ ކޭމްޕެއް ބާއްވާފައިވަނީ މިދިޔަ އޭޕްރީލް މަހު ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް