ސުޕްރީމް ކޯޓަށް މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު އައްޔަނުކުރުމުގެ މައްސަލަ ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

މަޖިލީހަށް ރައީސް ފޮނުއްވި ސިޓީ ތަޅުމުގައި އިއްވާފައިވާއިރު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފަ އެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި 12 ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައިސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެ މަގާމަށް އައްޔަނުކުރެއްވުމަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން، ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ  ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް