އަންހެނުންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު ލޯނު" ގެ ލޯނު ގެ ދެވަނަ ބުރަށް ހުޅުވާލަނީ

އަންހެނުންނަށް ޚާއްސަކޮށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމްކަމުގައިވާ "ފަށާ މަދަދު ލޯނު" އަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި މިމަހު 15ގައި ފަށާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން އިއުލާންކޮށްފިއެވެ.

މި ލޯނުގެ ތެރެއިން 25 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ބައެއް ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ. އަދި މި ލޯނު އެންމެ ފުރަތަމަ ފަހަރަށް ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތިނެއްގައެވެ. އެ ފަހަރު 60 މީހަކަށް ލޯނު ދިން ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތައާރަފުކުރި މި ލޯނު ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ދޭ ލޯނެކެވެ.

އެ ލޯނާ ގުޅޭ ގޮތުން އެސްޑީއެފްސީން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ލޯނަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭނެއެވެ.

އެ ލޯނު ދެނީ އަހަރަކު ހަ އިންސައްތައިގެ އިންޓްރެސްޓާއެކު ކަމަށްވާއިރު، ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދީ، އަނބުރާ ދައްކަން ހަތް އަހަރު ދެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް