ލާޖައްސާ އުސޫލުން ހަނި ގޯޅިތަކުން ގޯތި ދޫކޮށްލާ މީހުންނަށް އެހެން ސަރަހައްދަކުން ގޯތިދޭ މަޝްރޫއު ފަށަނީ

ލާޖައްސާ އުސޫލުން މާލޭގައި ހަނި ގޯޅިތަކާއި މަގުތަކުގައި ހުންނަ ގެތައް ސަރުކާރަށް ދޫކޮށްލާ ނަމަ، އެހެން ސަރަހައްދަކުން ގޯތި ދޭން ރާވާފައި ޕްލޭނު މި އަހަރު ފަށާނެކަން ރައީސްުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

އެގޮތުން، ރައީސް ފާހަގަކުރެއްވި ގޮތުގައި ހަނި ގޯޅުތަކުގައި ހުންނަ ގެތައް ހެދުމަށް ލޯނު ނުލިބޭ މީހުންނަށް ހައްލެއް ހޯދައި ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދު ފުއްދުމަށްޓަކައި، ސަރުކާރުން ރާވާފައިވަނީ މި ޕްރޮގްރާމް ދާދި އަވަހަށް ފަށަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިކޮނޮމިކަލް ބޭންކަބަލް ޕްރޮޖެކްޓަކަށް ނުވާ ސަރަހައްދުތަކުގައި ވަރަށް ގިނަ ގޯތި އެބަހުރި. މި މީހުންނަށް އަޅުގަނޑު ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވީން، ލާ ޖައްސާ އުސޫލުން މާލެ ސަރަހައްދުން، ގްރޭޓާ މާލެ އޭރިޔާއިން ބިން ދީފައި، އެ ތަންތަން ދައުލަތަށް ނަގާފައި، ލޯނު ލިބޭނެ މަގުފަހިކޮށްދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކޮށްލާ މީހުންނަށް، ހަމަ އެ ސައިޒުގެ ގޯއްޗެއް ދޭނީ، ރަސް ވިދާޅުވި ގޮތުގައި، ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލެ ހިމެނޭހެން، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ހިއްކާ ސަރަހައްދަކުންނެވެ. އަދި މިގޮތަށް ދޫކޮށްލާ ގޯތިތައް ސަރުކާރަށް ނެގުމަށް ފަހު، އެ ގޯތިތައް ބޭނުންކުރާނީ މާލޭގައި ޕާކާއި ގްރީން ސްޕޭސް އިތުރުކޮށް، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ގެންގުޅޭ ޕްލޭންގެ ދަށުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ގިނަ ރައްޔިތުން ބޭނުންވާ ކަމެއް މިއީ، ލާ ޖައްސާ އުސޫލުން މާލޭގެ އެހެން ސަރައްދަކުން ގޯތި ހޯދުން. މި މަޝްރޫއު މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސް، ގޯތި ލިބޭނެ ތަން ކަނޑައަޅައި ރަސްމީ ލިޔުން ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް