މާދަމައިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަނީ

1 ޖޫން 2025 (މާދަމާ) އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިކަން އިޢުލާންކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއެކު ޑޮމެސްޓިކް ކަރަންޓުގެ ޓެރިފް ރޭޓުތަކަށް 20 ލާރިއާއި 1ރ. އާ ދެމެދުގެ ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓަށް އަންނާނެ ބަދަލުތައް:

  • 0 – 100 ބޭންޑްގެ ރޭޓު 1.50 އިން 1.25 އަށް ކުޑަވާނެ
  • 101 – 200 ބޭންޑްގެ ރޭޓު 1.70 އިން 1.50 އަށް ކުޑަވާނެ
  • 201 – 300 ބޭންޑްގެ ރޭޓު 2.15 އިން 1.50 އަށް ކުޑަވާނެ
  • 301 – 400 ބޭންޑްގެ ރޭޓު 2.50 އިން 1.50 އަށް ކުޑަވާނެ
  • 401 – 500 ބޭންޑްގެ ރޭޓު 2.95 އިން 2.66 އަށް ކުޑަވާނެ
  • 501 – 600 ބޭންޑްގެ ރޭޓު 3.55 އިން 3.20 އަށް ކުޑަވާނެ
  • 600 އިން މަތީގެ ބޭންޑްގެ ރޭޓު 4.25 އިން 3.83 އަށް ކުޑަވާނެ

މި ފަހަކަށް އައިސް ކަރަންޓު ބިލުތައް އަތްނުފޯރާ ފަށުގައި އުޅޭކަމުގެ ޝަކުވާތައް ދަނީ ގިނަ ވަމުންނެވެ. ރައީސްގެ މި ނިންމެވުމާއެކު ކަރަންޓު ބިލުތަކަށް ހެޔޮ ބަދަލެއް އައިސް، ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުއިފަސާހަކަމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް