ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފި
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން 25 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންތަކުގެ ދަށުން، 29 މެއި ވީ ދުވަހުގެ ރޭ 2 ތަނެއް ބަލައި ފާސްކުރިކަމަށާއި، އެ އޮޕަރޭޝަނުގައި ޖުމްލަ 102 ބިދޭސީން ފާސްކޮށްފައިވާކަމަށެވެ. އަދި ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން ވަނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ދަނީ އިމިގްރޭޝަނުން މިހާރު ހިންގަމުންދާއިރު، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން، އިމިގްރޭޝަނުން ވަނީ މިއަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް