އައިޖީއެމްޗުގައި ރޭގަނޑު އައުޓް ޕޭޝަންޓް ޑިޕާޓްމެންޓް (އޯޕީޑީ)ގެ ޚިދުމަތް ދޭން ފަށައިފި

ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމަށް އައިޖީއެމްޗުގައި ރޭގަނޑު އައުޓް ޕޭޝަންޓް ޑިޕާޓްމެންޓް (އޯޕީޑީ)ގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ހޮސްޕިޓަލުގައި ރޭގަނޑު އޯޕީޑީގެ ޚިދުމަތް ދޭން ފެށުމުން އެންމެ ޑިމާންޑް ބޮޑު ފަރުވާ ހޯދަން މިހާރު  އޮތް ކިއޫ ކުޑަކުރެވޭނެ ކަމަށެވެ.

"މިހާރު ނައިޓް އޯޕީޑީ ފެށިފައި އެ ވަނީ އައިޖީއެމްއެޗުގައި. އޭގެ ސަބަބުން ވަރަށް ބޮޑަށް ކިއޫ ކުޑަވެގެންދާނެ. އެންމެ ގިނައިން ފަރުވާ ހޯދާ ބަލިތަކުގެ ކިއޫ ކުޑަކޮށްލުން މީގެ ތެރެއިން ހާސިލުވާނެ" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، އެޑުމިޓުކޮށްގެން ފަރުވާ ދޭ މީހުންނަށް ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ހަމަޖައްސައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އައިޖީއެމްއެޗަށް ދެވޭ ޙިދުމަތް ފުޅާކުރުމާއި އެކު ގިނަ މުވައްޒަފުން ބޭނުންވާކަންވެސް ހާމަކޮށްފައެވެ.

ހުރިހާ ސަރަހައްދެއްގައި ސިއްހީ ޚިދުމަތް ވަރުގަދަ ކުރުމަކީ ވަރަށް އިސްކަން ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ދާއިރާއަށް 200 އަށް ވުރެ ގިނަ މީހުން އިތުރުކުރުމަށް ފުރުސަތަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން، މި އަހަރާއި އަންނަ އަހަރު ތެރޭ ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް