މާލެ ސަރަހައްދަށް ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ ޓްރާންސްޕޯރޓް މާސްޓާރ ޕްލޭނާ ގުޅޭ ސްޓޭކްހޯލްޑަރ ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ހިންގާ "އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯރޓް މަޝްރޫއު" ގެ ދަށުން، އެކުލަވާލަމުންދާ އިންޓަގްރޭޓެޑް ޓްރާންސްޕޯރޓް މާސްޓާރ ޕްލޭނަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ރިވިއު ކޮށް ފައިނަލައިޒް ކުރުމަށް، މިއަދު ވަނީ ސްޓޭކްހޯލްޑަރ ބައްދަލުވުމެއް ބާއްވާފައެވެ.

މާލެ ސަރަޙައްދަށް ޙާއްޞަކޮށްގެން އެކުލަވާލާ މި ޕްލޭންގެ މައިގަނޑު މަޤްސަދަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޕްލޭން ކުރުމެވެ.

ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ކަމާ ގުޅުންހުރި  އެކި އިދާރާތައް ހިމެނޭހެން 25 މުއައްސަސާއަކުން ބައިވެރިވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ފާއިޒް ވަނީ، ވައި ނުސާފުވުމާއި މޫސުމީ ބަދަލުތަކަށް ކުރާ އަސަރު ކުޑަކުރުމުގައި ދަތުރުފަތުރުގެ ދާއިރާ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަން ފާހަގަކުރައްވާ، ރާއްޖޭގައި މިވަގުތު ލިބެންހުރި ވަޞީލަތްތަކުގެ އިތުރުން އާ ޓެކްނޯލޮޖީ ތަޢާރަފްކޮށް، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.

އަދި މި މަޝްރޫއުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކަމާ ބެހޭ މުއައްސަސާތަކުން މެދުނުކެނޑި ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް