އެޑްރެސް ނުބައިކަމަށްބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން ޕޯސްޓް އޮފީހުން އެދިއްޖެއެވެ.

މިކަން ހާމަކޮށް ޕޯސްޓު އޮފީހުން ކުރި ޕޯސްޓެއްގައި ބުނީ ކަސްޓަމަރުންގެ ޕެކޭޖުތައް ޑެލިވަރީ ކުރުމަށް އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމްތަކެއް ހިންގާކަމަށާއި، އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށެވެ.

ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށް، ލިންކުތަކަށް ނުފިތުމަށް ވެސް ޕޯސްޓުން އިލްތިމާސްކުރި އެވެ.

ޕޯސްޓުގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި ވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު ނުބައި އެޑްރެހެއް ދީފައި އޮތުމުން، ޑެލިވަރީ ނުކުރެވުނު ކަމަށެވެ. އަދި މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި ފޮނުވާ އެ މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނައިފަ އެވެ.

ދީފައިވާ ވަގުތުގެ ތެރޭގައި ޑެލިވަރީ އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ވެސް ނަގާނެ ކަމަށް އެ މެސެޖުގައިވެ އެވެ. އެއީ ފޭކް މެސެޖެއް ކަމަށް ވާތީ، ހުރިހާ ކަސްޓަމަރުން ވެސް އެކަމަށް ސަމާލުވާން ޕޯސްޓުން އެދެ އެވެ.

ޕޯސްޓުގެ ނަމުގައި ސްކޭމެއްތައް އިތުރުވެފައިވާ މި ދަނޑިވަޅަކީ އީދާ ދިމާކޮށް ގިނަ ބަޔަކު ޓީމޫ ކަހަލަ އެކި ޕްލެޓްފޯމްތަކުން ގަނެފައިވާ ސާމާނު ރާއްޖެ އަށް ލިބުން ލަސްވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދުވަސްވަރެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް