މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް އެ ކައުންސިލުން އިއްޔެ ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން އިއްޔެ ބޭއްވި، އެ ކައުންސިލްގެ އާންމު ޖަލްސާގައެވެ. އެގޮތުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން އިއްޔެގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ އިންސާނުންގެ ޞިއްޙަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި، ދުނިޔޭގެ ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން، އެންމެންގެ ރައްކަލަކަށް ޓަކައި، ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރުމަށް ތާއީދުކުރައްވާ ކަމަށެވެ.

ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ގިނަ މެންބަރުން ވަނީ މި ކަމަށް ތާއީދު ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް