ވާނުވާ ބަންދަށް ލުއި ދިނުމުގެ މަސައްކަތްތައް ފަށައިފި

ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދިނުމުގެ ކަންކަން ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، އެ މަސައްކަތް ކުރިއަށް ގެންދާނީ ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މިކަން ފަށައިފައިވާ ކަމަށެވެ.

"މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މިމައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ," ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުންވެސް ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ. އެ އޮފީހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އިތުރަށް ވިދާޅުވީ މިކަން ކުރުމުގެ ކުރިން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް