މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތައް ނުވަތަ ސްޕޯޓް ފިޝިންގ ގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު މާލޭގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާތީ އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ މި ބައްދަލުވުމުގެ މަޤުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުންކަމަށެވެ.

އެހެންކަމުން، މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ ކުރިން އެކަމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށް އެ ވުޒާރާއިން އެދެއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ބައިވެރިވާ ބައިވެރިންނަށް އިސްކަންދެވޭނީ ޖާގަ އޮތް މިންވަރަކުން، ފޯމު ފުރިހަމަކުރައްވާ ތަރުތީބުންކަމަށާއި، ބައްދަލުވުމުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުމުގެ އިންތިޒާމްތައްވެސް މިނިސްޓްރީން ހަމަޖައްސައިދެނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އަަދި މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ ނަންބަރު 3339229 އަށް ގުޅުއްވުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް